މި ހަފުތާގައި އުފެއްދި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ގަވަނިން ބޯޑުން ބަލަހައްޓާ ތަންތަން ހިންގުމުގެ އެންމެ އިސް ވެރިޔަކަށް، މިނިސްޓަރު ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އައްޔަންކުރައްވައިފިއެވެ.
އެމްޓީއެޗްޖީ ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލަކަށް ހިންގުމުގައި މަރުކަޒީކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާ މައި އިދާރާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެމްޓީއެޗްޖީގެ ގަވަނިން ބޯޑަށް 18 މެންބަރަކު އައްޔަންކޮށްފައިވާއިރު، އެ ބޯޑުގެ ޗެއާޕާސަނަކަށް ހަމަޖެއްސެވީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޑރ. އަބްދުލްއަޒީޒު ޔޫސުފެވެ.
އެމްޓީއެޗްޖީން ބަލަހައްޓާނެ މުހިންމު ތަންތަން:
-
މާލެ ސަރަހައްދު: ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް.
-
ސެންޓަރުތައް: މޯލްޑިވިއަން ބްލަޑް ސާވިސަސް، ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ.
-
ރީޖަނަލް ހޮސްޕިޓަލްތައް: ކުޅުދުއްފުށި، އައްޑޫ އިކުއެޓޯރިއަލް، އުނގޫފާރު، ޑރ. އަބްދުއްސަމަދު މެމޯރިއަލް (ގދ. ތިނަދޫ)، ގަން އަދި ފުވައްމުލަކު ހޮސްޕިޓަލް.
18 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގައި ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ޕްރައިމަރީ ހެލްތުކެއާ، ޕަބްލިކް ހެލްތު އަދި ނާސިން ދާއިރާގެ ތަޖުރިބާކާރުންގެ އިތުރުން އެކި ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއި އިސް ވެރިން ހިމެނިވަޑައިގަންނަވައެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް މީގެ ކުރިން ހިންގަމުން އައީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުންނެވެ.





