ފޮޓޯ/މީޑިއާ ކޮމިޝަން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ ދައުރަކީ 5 އަހަރު ދުވަހެވެ.

މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތަކު ކަމުގައިވުމާއެކު އުމުރުން 30 އަހަރު ވެފައިވުން ހިމެނެއެވެ. އަދި ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރުން މުހިންމެވެ. މީގެއިތުރުން މީޑިއާއެއްގެ މަސްއޫލުވެރިޔަކު ނުވަތަ އެޑިޓަރަކު ކަމުގައި ނުވުމާއި، އިންތިޚާބީ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ހިމެނެއެވެ.

ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ނުވަތަ ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނެތުން ހިމެނެއެވެ. އަދި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދޭ ދާއިރާއެއްގައި ވިޔަފާރީގެ ޙިއްޞާއެއް އޮތް މީހަކު ކަމުގައިވެސް ވެގެންނުވާނެއެވެ.

އެމްއެމްބީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް