އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިތުރު 15 އަހަރު ލިބިއްޖެނަމަ ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިވެގެންދާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށް، ދައުލަތަށް އާމްދަނީ ނުލިބޭ ގޮތަށް ލޯނުތައް ނަގައި ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. އަދި ޕީއެންސީގެ ވެރިކަން 10 ވަރަކަށް 15 ވަރަކަށް އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީން މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލައާއި އިޤްތިޞާދީ ސިޔާސަތުތަކާ ގުޅުވައިގެން ކަމަށްވީ ނަމަވެސް، ޖަވާބުދާރީވެވަޑައިގަންނަވަމުން ސަޢީދު ވަނީ ކުރީ ސަރުކާރަށްވުރެ %80 އިތުރަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ. ބަހުސް ނިންމައި ނެގި ވޯޓުގައި 54 މެންބަރުންގެ ތާއީދާއެކު ސަޢީދުގެ އިތުބާރު އޮތް ކަމަށް ނިންމައި، 10 މެންބަރުންގެ ވޯޓާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށަހެޅި 3 ވަނަ މައްސަލައެވެ. މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީންގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް