މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފިއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ 9.1 އިންސައްތަ އިތުރުވެ 26.70 ބިލިއަން ރުފިޔާއަށް އަރާފައިވުމެވެ. އެގޮތުން އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ޓީޖީއެސްޓީގެ އާމްދަނީ 5.0 އިންސައްތަ އިތުރުވެ 9.32 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރިއާއި މުދަލުން ނެގޭ ޓެކްސް 23.7 އިންސައްތަ އިތުރުވެ 6.07 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެއިތުރުން އިމްޕޯޓް ޑިއުޓީން 2.90 ބިލިއަން، ޖީއެސްޓީގެ ގޮތުގައި 4.63 ބިލިއަން އަދި ގްރީން ޓެކްސްގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލިން 2.27 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 0.53 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަރަދުތަކަށް ބަލާއިރު، އެ މުއްދަތުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 16.2 އިންސައްތައިގެ އިތުރުވުމާއެކު 38.99 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން ރިކަރަންޓް ޚަރަދު 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 5.30 ބިލިއަން ރުފިޔާއަށް އަރާފައެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 6.15 ބިލިއަން ރުފިޔާ، އިދާރީ އަދި ހިންގުމުގެ ޚަރަދަށް 20.28 ބިލިއަން ރުފިޔާ އަދި އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 4.63 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން އެހީއާއި ސަބްސިޑީއަށް 10.81 ބިލިއަން ރުފިޔާ ހޭދަވި އިރު، އޭގެ ތެރޭގައި ސަބްސިޑީއަށް 4.31 ބިލިއަން، އާސަންދައަށް 1.96 ބިލިއަން އަދި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި 2.08 ބިލިއަން ރުފިޔާ ހިމެނެއެވެ.
މިދިޔަ މަހުގެ 29 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.





