ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމެންޓާއި، ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މިއަދުގެ ޖަލްސާގައެވެ.
މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި މައިގަނޑު ކަންކަން:
-
ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުން: ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރު ދޫކޮށްފައިވަނީ 1.75 މިލިޔަން ޑޮލަރު ކަމަށާއި، މި ސަރުކާރުން މިހާތަނަށް 1.9 ބިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވުން. މިއީ މަހަކަށް ޑޮލަރު ދޫކުރި މިންވަރަށް ބަލާއިރު %97 ގެ އިތުރުވުމެއް އަދި ޖުމްލަ %80 ގެ އިތުރުވުމެކެވެ.
-
އަހަރުތަކުގެ ޑޮލަރުގެ ތަފާސްހިސާބު: 2024 ވަނަ އަހަރު 483.53 މިލިޔަން ޑޮލަރު، 2025 ވަނަ އަހަރު 733.82 މިލިޔަން ޑޮލަރު އަދި މިއަހަރުގެ މިހާތަނަށް 718.53 މިލިޔަން ޑޮލަރު ރަސްމީ ރޭޓުގައި ވަނީ ދޫކޮށްފައެވެ.
-
ފޮރިން އިންވެސްޓްމެންޓް: ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މި މުއްދަތުގެ ތެރޭގައި 313 އިންވެސްޓްމެންޓް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، މިއީ ފާއިތުވި ދައުރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށް ވިދާޅުވުން.
-
ވިޔަފާރި ބަނދަރުގެ ޖާގަ: މާލޭގެ ވިޔަފާރި ބަނދަރު ކުޑަވުމުން މުދާ ކްލިއާކުރުމަށް ދަތިވި ނަމަވެސް، އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ހަމައެކަނި ސަރުކާރަކީ މިއީ ކަމަށް ފާހަގަކުރެއްވުން.
-
މައުލޫމާތު ހާމަކުރުން: ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 192 އާރްޓީއައި އަކަށް ޖަވާބުދީ، 184 ފަހަރު މީޑިއާއާ ބައްދަލުކޮށްފައިވާނެތީ، އެ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމުގައި ނަމޫނާ ތަނެއް ކަމަށް ވިދާޅުވުން.




