މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

ފަތުރުވެރިކަމުގެ ސިނާއަތަށް ޒަމާނާ އެއްގޮތަށް ބަދަލުތައް ނުގެނެވޭނަމަ އެ ސިނާއަތް ހީނަރުވެ އިންދިރާސްވެގެން ހިނގައިދާނެ ކަމުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެސްއީޒެޑް ގާނޫނަށް ޓައުންޝިޕްގެ މަފުހޫމު ތައާރަފުކޮށް އެ މޮޑެލްގެ މަޝްރޫއުތައް ހިންގުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ސިޔާދަތަށް އުނިކަން ލިބިދާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ވަޒީރު ވިދާޅުވީ، ޓައުންޝިޕް މަޝްރޫއުތައް ތައާރަފުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ދާއިރާގެ އެންމެ ފަންނުވެރިން ބުނާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޒަމާނީ ބަދަލުތަކެއް އަންނަންޖެހޭނެ ކަމަށެވެ.

ހަލީޖުގެ ގައުމުތަކުން ފަތުރުވެރިކަމަށް ވަނުމާއި، އައު ޓެކުނޮލޮޖީތަކާއި، އައު މަންޒިލުތައް ތައާރަފުވަމުންދާ މިފަދަ ވާދަވެރި ވެއްޓެއްގައި، ސިނާއަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބަދަލުނުވާ ގައުމުތައް ފެއިލުވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއިން ވޯޓާ ސްޕޯޓްސް، ޑައިވިން އަދި ފައިން ޑައިނިން ފަދަ ކަންކަން ތަޖުރިބާކޮށްފައިވާއިރު، ސިނާއަތް އިތުރަށް ސިންދަފާތުކުރުމަށް ޓައުންޝިޕް ކޮންސެޕްޓު ތައާރަފުކުރީ އެ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

ގާނޫނުގައިވާ ގޮތުން ޓައުންޝިޕް މަޝްރޫއަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަންޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި ހޮސްޕިޓަލަކާއި ހޮސްޕިޓައިލިޓީ ކިޔަވައިދޭ މަރުކަޒެއް ހުރުން ލާޒިމުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ އިންވެސްޓްމަންޓުތަކަށް ޓީޖީއެސްޓީއާއި ގްރީން ޓެކުހުން އިސްތިސްނާއެއް ނުލިބޭނެ ކަމަށާއި، ޕްރޮޕަޓީ ޓެކުހުން ދީފައިވާ ލުއިތަކަކީ ސިންގަޕޫރު، ދުބާއީ އަދި ގަތަރު ފަދަ ގައުމުތަކުން ވާދަކުރުމަށް ދޭންޖެހޭ އެންމެ ކުޑަ މިންވަރުގެ ލުއިތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް