އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އައްޔަންކުރައްވައިފިއެވެ.
މި ދެ މަގާމަށް އެ ބޭފުޅުން އައްޔަންކުރެއްވީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި ބޭފުޅުންގެ ނަންފުޅުތައް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްއެވެ. އަދި އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރައްވާފައިވާއިރު، މި މަގާމުތަކަށް އިތުރު އެއްވެސް މެންބަރެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، ވޭތުވެދިޔަ އަހަރުގެ ވެސް ބަޖެޓު ކޮމިޓީގެ މުގައްރިރަކާއި ނައިބު މުގައްރިރަކަށް ހުންނެވީ ހަމަ މި ދެ ބޭފުޅުންކަމެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާ (59,704,440,795 ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ހުށަހެޅިފައިވާ ބަޖެޓުގެ ތަފުސީލަށް ބަލާއިރު، ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިންގުމުގެ ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި އަހަރު ވެސް ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާގައި، ކޮންމެ މެންބަރަކަށް ވާހަކަދެއްކެވުމަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމަވާފައެވެ.




