އީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށީގައި ތަރައްގީކުރަމުންދާ ބަނދަރު (ފޯޓް) ފުލް އޮޕަރޭޝަނަށް ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ސައީދު ވަނީ ކުރީގެ ސަރުކާރުތަކުން މާލެ ވިޔަފާރި ބަނދަރަށް އަޅާނުލައި އޮތް އޮތުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީން ދެ ފަހަރަށް ވެރިކަންކޮށް އަދި އެހެން ފަރާތްތަކުން ވެސް ވެރިކަން ކުރެއްވި އިރު، ޖާގައިގެ ދަތިކަން ބޮޑުވެފައިވާ މާލޭގެ ވިޔަފާރި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބަދަލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހާލަތު ބަދަލުކުރައްވައި، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފައްޓަވާފައިވަނީ ރައީސް ޑރ. މުއިއްޒު ކަމަށާއި، މިއީ އެމަނިކުފާނު ފުރިހަމަކުރައްވަން އެންމެ އިސްކަންދެއްވާ އެއް މަޝްރޫއު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ ގޮތުން ދިމާވި އެކި ހާލަތްތަކުގައި ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ތެލާއި، ގޭހާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވެ ސަލާމަތްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގެ ޖާގަ ނެތުމުގެ ސަބަބުން ބައެއް މުދާ ކޮލަންބޯ ބަނދަރަށް ބާލަންޖެހޭ ހާލަތް ބަދަލުކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
ތިލަފުއްޓަށް މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހު ދޯނިން މުދާ ކްލިއާކުރުން އެއްކޮށް ތިލަފުއްޓަށް ބަދަލުކުރެވުމާއެކު މާލެއާއި ހުޅުމާލެއަށް ދިމާވެފައިވާ ޓްރެފިކާއި ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.




