ނަސްރުގެ ދުވަސް

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމައިފިއެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ވާ އަންގާރަ ދުވަހުއެވެ.

ބަންދުކުރާ ސަރަޙައްދުތަކާއި ވަގުތުތައް:

  • ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ މަގުތައް ބަންދުވާނެއެވެ.

  • ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ސަރަޙައްދުގެ މަގުތައް ބަންދުކުރާނެއެވެ.

  • މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަޙައްދު ބަންދުކުރެވޭނެއެވެ.

  • ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަޙައްދުގެ ފަޅު ބަންދުކުރާނެއެވެ.

މި ބަދަލުތަކާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން މާފަށް އެދިފައިވާއިރު، މިފަދަ ޤައުމީ ޙަރަކާތްތަކުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް