ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި 29 މިލިއަން ޑޮލަރުގެ ލޯނަކަށް ފައިސާ ނުދައްކައިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ އާއިލާގެ ނަމުގައި ރަހުނުކޮށްފައިވާ 3 ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 28 ގައި ސިވިލް ކޯޓުން މި އަމުރު ނެރުނީ، 2020 ވަނަ އަހަރުގެ ޖުލައި މަހު އެ ދަރަނި ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް މޫސަގެ ހެވީ ލޯޑް މޯލްޑިވްސްއިން ފައިސާ ދައްކާފައި ނުވާތީއެވެ. ދައްކަންޖެހޭ ޖުމްލަ ދަރނީގެ އަދަދަކީ 29.5 މިލިއަން ޑޮލަރެވެ.
ވިއްކާލުމުގެ ހުއްދަ ދިން ރަށްތައް:
-
ލ. ފަރެހާއި އެ ރަށުގައި ތަރައްގީކުރާ ރިސޯޓު
-
ލ. ބޮޑުހުރާ (ހެޑްލީސް ރައިޓްސް)
-
ލ. ކުޑަފަހަރެހި (ހެޑްލީސް ރައިޓްސް)
ގާޒީ ރިޒްމީނާ އިދުރީސް ނެރުއްވި އަމުރުގައިވާ ގޮތުން، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ ރަށްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ލިބެއެވެ. އެގޮތުން ފުރަތަމަ މަހު 46.6 މިލިއަން ޑޮލަރަށް، ދެވަނަ މަހު 40.8 މިލިއަން ޑޮލަރަށް އަދި ފުރަތަމަ ދެ މަހު ނުވިއްކިއްޖެނަމަ ތިންވަނަ މަހު 38.7 މިލިއަން ޑޮލަރަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެއެވެ.
މި މުއްދަތުގެ ތެރޭގައި ރަށްތައް ވިއްކާލެވިއްޖެނަމަ 10 ދުވަހުގެ ތެރޭގައި ލިބޭ ފައިސާ ކޯޓަށް ޖަމާކުރަންޖެހޭނެއެވެ. އަދި ނުވިއްކިއްޖެނަމަވެސް މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަންޖެހޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.





