ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 111.15 ގުރާމުގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 5 ދުވަސް ކޯޓުން ދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، އޮކްޓޫބަރު 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
-
ޝިވާން އިބްރާހީމް (45އ) - މާލެ / މ. ޕިންކްލައިޓް
-
އަޙްމަދު މުޙައްމަދު (38އ) - ތ. ތިމަރަފުށި / ޢަލީއާބާދު
-
އަޒުހަދު ޢަލީމަނިކު (41އ) - ތ. ތިމަރަފުށި / މާލޭގެއާގެ
-
އާމިނަތު ނިސާ (41އ) - ތ. ތިމަރަފުށި / ވިލާ
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް އަދި ޓްރެފިކް ކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މާލޭގެ 3 ގެއެއް ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންގެ ބަންދަށްވެސް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.





