ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި ލުއިގޮތެއްގައި މާލީ އެހީތެރިކަން ލިބުމާއި، ދައްކާ ވާހަކަތަކުން އަމަލީ ނަތީޖާ ނެރުން މުހިންމު ކަމަށް ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، ކުދި ގައުމުތަކުގެ ފުރިހަމަ އިގްތިޞާދީ ގާބިލުކަން ބޭނުންކުރުމަށް ހުރަސްއެޅެނީ ލުއިގޮތެއްގައި ދިގު މުއްދަތަކަށް ލިބޭ މާލީ އެހީތެރިކަން މަދުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުންނެވެ. އަދި ރާއްޖެއިން 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރާ އުންމީދުތައް ހާސިލުކުރެވޭނީ ބައިނަލްއަގްވާމީ ފެންވަރުގައި އެކަށީގެންވާ މާޙައުލެއް ގާއިމުވެގެން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރަނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބައިނަލްއަޤްވާމީ އިސްނެގުންތައް:
-
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް (2028-2030): ކުދި ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮނޑިއަކަށް ކުރިމަތިލުން.
-
އދ. ގެ ސެކިއުރިޓީ ކައުންސިލް (2033-2034): ކުދި ގައުމުތަކުގެ އަޑު އުފުލުމަށް ގޮނޑިއަކަށް ކުރިމަތިލުން.
-
ކޮޕް-31 (COP31): މޫސުމީ ބަދަލުތަކާ ދެކޮޅަށް ވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް އިސްކަންދިނުން.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފާހަގަކުރެއްވީ، މި ބައްދަލުވުމުގެ ކާމިޔާބީ މިނެކިރޭނީ އެޅޭ އަމަލީ ފިޔަވަޅުތަކުންނާއި، ލިބޭ މާލީ އެހީތެރިކަމުން އަދި ކުދި ގައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ގާއިމުކުރެވޭ ހަރުދަނާ ބައިވެރިވުންތަކުން ކަމަށެވެ.





