އެމްއެމްބީސީގެ ރައީސް ފަރުޝަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް މުހައްމަދު ފަރުޝަތު، މިއަދު އެ ކޮމިޝަނުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަރުޝަތު އިސްތިއުފާ ދެއްވާފައި ވަނީ، މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހައްލު ނުކުރެވޭ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއަކުންނެވެ.

ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ފަރުޝަތު ފާހަގަކުރެއްވި ގޮތުގައި، ވަކިފަރާތަކަށް ނުޖެހި މީޑިއާތަކަށް އިންސާފު ގާއިމުކޮށްދިނުމަށާއި ކޮމިޝަންގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބަކީ އެ ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ނުފެނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވަމުން އަންނަ މި ދަނޑިވަޅުގައި، މީޑިއާތަކަކީ ފިކުރީ ގޮތުންނާއި މާލީ ގޮތުން މިނިވަން، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާ ބަޔަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފަރުޝަތު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމަށާއި ކޮމިޝަނުގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްއެމްބީސީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަރުޝަތު އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އާ މީޑިއާ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ ކޮމިޝަނުގައި ދެން ތިއްބަވާނީ ހަ މެންބަރުންނެވެ. އެއީ ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަޙީދުގެ އިތުރުން މެންބަރު ސަފާ ޝަފީގް، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު، މެންބަރު ހުސައިން ޝަގީފް އިހްސާން، މެންބަރު ސިމާހާ ނަސީމް އަދި މެންބަރު އަބްދުލްޢަޒީޒް އިބްރާހީމްއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް