ރާއްޖޭގެ މަސް ޗައިނާއަށް އެކްސްޕޯޓްކުރަން މިފްކޯއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު މުހިންމު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭގައި ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ހަވާސާގައެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސް އެވެ. އަދި ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

މި ފަހުމުނާމާގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރާނެއެވެ. މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާއަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ މިންގަނޑުތަކަށް ފެތޭގޮތަށް ކަންކަން ރޭވުން ހިމެނެއެވެ.

މަސް ފޯރުކޮށްދޭ މައި ކުންފުނީގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވާއިރު، ސައިނޯމެކް ހައިނާންއިން މަސައްކަތް ކުރާނީ ޗައިނާގެ ބާޒާރުން އައު ފުރުސަތުތައް ހޯދައިދިނުމަށެވެ. އަދި ފުރަތަމަ މަރުހަލާގެ ދިރާސާތަކަށްފަހު، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މަހުގެ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން އިތުރަށް މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް