ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓަކަށް ބިނާކޮށް ގޭގައި ތިބެގެން ކިޔެވޭ ގޮތަށް ތައުލީމީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ވެސް 4,000 އަށް ވުރެ ގިނަ ކުދިން ގަވައިދުން ސްކޫލަށް ނުގޮސް ތިބިކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި ބިލަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން ވެސް ވަނީ، އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ނުކުރެވި ހޯމް ސްކޫލިން ތައާރަފުކޮށްފިނަމަ، ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް، ސްކޫލަށް ދިއުމަށް އުނދަގޫވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މި ފުރުސަތު ދިނުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ހޯމް ސްކޫލިންގެ ދަށުން ކިޔަވައިދެވޭނީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް، ބެލެނިވެރިންގެ މާލީ ގާބިލުކަން ހުރެގެން އަދި ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ނަމައެވެ. އަދި މިފަދަ ތަންތަން ރަޖިސްޓްރީކޮށް، ގަވާއިދުތަކާ އެއްގޮތަށް ހިންގާތޯ ކަށަވަރުކުރުން އެޑިއުކޭޝަން މިނިސްޓްރީއަށް ލާޒިމުކޮށްފައިވެއެވެ. މީގެއިތުރުން، ހޯމް ސްކޫލިންގެ ދަށުން ވެސް ތައުލީމު ހާސިލުނުކުރެވޭ ކުދިންނަށް މަޖުބޫރު ތައުލީމު ލާޒިމުނުވާނެ މިންގަނޑުތަކެއް އެކުލަވާލުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލުގައި ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް އިތުރު މުހިންމު އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން، ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު ތަފްސީލުކުރުމާއި، ނާސްތާ ލިބުމަށް ދަތިވާ ދަރިވަރުންނަށް ހިލޭ ނާސްތާ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ޖެނުއަރީ މަހު ފެށުމަށާއި، ލަސްވެގެން ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފެށުން ލާޒިމުކުރުމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.





