ހދ. އަދި ށ. އަތޮޅުގެ ކަރަންޓު ހިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެ، އެ ހިދުމަތްތައް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އެކްސް (ޓްވިޓާ) އެކައުންޓް މެދުވެރިކޮށް މިކަން ކަށަވަރުކޮށްދީފައެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ހދ. އަދި ށ. އަތޮޅުގެ ކަރަންޓުގެ ހިދުމަތާ އެ ކުންފުނިން ހަވާލުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން، އެ ދެ އަތޮޅުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްޓުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހދ. އާއި ށ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޔުޓިލިޓީ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ސްޓެލްކޯގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން، ރަށްރަށުގައި ދޭ ޔުޓިލިޓީ ހިދުމަތްތައް ހަރުދަނާކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ފެށިފައެވެ. ސްޓެލްކޯ އިން މިހާރު ވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބޮޑެތި ސިޓީތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތްތަކާ ވެސް ހަވާލުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް