މޯލްޑިވްސް ޙައްޖު ކޯޕޭރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކުގެ ކަލަންޑަރު އާންމުކޮށް، އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" (fahaeli.hajj.mv) އަދި ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އަހަރަށް ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތެރޭގައި ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހުގެ ޢުމްރާ ހިމެނެއެވެ. މި ދަތުރުތައް ރޭވިފައިވަނީ ސްކޫލް ބޮޑު ޗުއްޓީތަކާ ދިމާކޮށް، އާއިލާތަކަށް ފަސޭހަވާނެ ގޮތަށެވެ. އަގުތަކަށް ބަލާއިރު މިހިނގާ އަހަރާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޕެކޭޖުގެ އަގަކީ 30,965 ރުފިޔާއެވެ. އަދި ޑިސެމްބަރު މަހުގެ ޕެކޭޖުގެ އަގަކީ 31,965 ރުފިޔާއެވެ.
ޙައްޖު ކޯޕަރޭޝަނުން ވަނީ ޢުމްރާވެރިންނަށް ލުއިފަސޭހަކުރުމުގެ ގޮތުން މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންނަ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެއްވެސް އިތުރު އަގަކާ ނުލައި އެމީހަކު ހުރި ރަށަކާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ. މީގެއިތުރުން، ޑައިރެކްޓް ފްލައިޓް، މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލު ދަތުރު، ލޯންޑްރީ، ހިލޭ ޢުމްރާ ކިޓް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތް، ލޮކޭޝަން ޓްރެކިންގ އަދި ބަގީގެ ޚިދުމަތް ފަދަ ގިނަ ކަންކަން ޕެކޭޖުގެ ތެރޭގައި ހިމެނޭނެއެވެ.





