ރާއްޖެއިން ބަންގްލަދޭޝްއަށް ދިޔަ އެ ގައުމުގެ ދެ މީހެއްގެ ހަށިގަނޑުގައި ފޮރުވައިގެން ގެންދިޔަ ގިނަ އަދަދެއްގެ ރަން، ޑާކާގެ ކަސްޓަމްސް އޮފިޝަލުން އަތުލައިގެންފިއެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހު ޔޫއެސް-ބަންގްލާ އެއާލައިނުގެ ފްލައިޓަކުން ރާއްޖޭން ދިޔަ އެ ދެ ފިރިހެނުންގެ އަތުން އަތުލައިގެންފައިވަނީ ރަނުގެ ޕޭސްޓުން ހަދައި، ބިހުގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ 6 އެއްޗެކެވެ. އެ ތަކެތި ފޮރުވާފައި ހުރީ އެ މީހުންގެ ފުރަގަސްފަރާތުގައެވެ.
އަތުލައިގަތް ރަނުގެ ޖުމްލަ ބަރުދަނުގައި 2.7 ކިލޯ ހުރިއިރު، އޭގެ އަންދާޒާ އަގު 4 ކްރޯޑު ޓާކާ ނުވަތަ ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ. މީޑިއާތަކުން ބުނި ގޮތުގައި އޭގައި ހުރީ އަސްލު ރަނުގެ ކިހާ މިންވަރެއްކަން ސާފުކުރުމަށް އިތުރު ޓެސްޓުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ބަންގްލަދޭޝްގެ ފުލުހުން ދަނީ އެއާޕޯޓުތައް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރަން އެތެރެކުރުން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.





