ބަނޑޭރިކޮށި ތަރައްޤީކޮށް ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ

މާލޭގައި ހުންނަ ބަނޑޭރިކޮށި އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް، އެ ބޭފުޅުންގެ ޚިދުމަތުގެ މުއްދަތުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމަށް ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ސިފައިންނަކީ ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށްވާތީ، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ވެލްފެއާގެ ޚިދުމަތްތައް ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެކެވެ. ސިފައިންގެ ޚިދުމަތް ފުޅާވެ، ބޯހިޔާވަހިކަމަށް އޮތް އެދުން އިތުރުވަމުންދާތީ، ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވާނެ ކަން ރައީސް ވަނީ މިއަހަރުގެ ސިފައިންގެ ދުވަހު އިއުލާން ކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ބަނޑޭރިކޮށި 1 އަދި 2 ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެއީ އެތަނުގައި މިހާރު ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި ބަނޑޭރިކޮށި 1 ތަރައްޤީކުރުމުގެ ތައްޔާރީތައް މިނިސްޓްރީއާއި އެމްއެންޑީއެފް ގުޅިގެން ދަނީ ވަމުންނެވެ.

މި މަޝްރޫޢުގެ މައުލޫމާތު ބަނޑޭރިކޮށި 1 ގައި ދިރިއުޅޭ ފަރާތްތަކާ ހިއްސާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ބަނޑޭރިކޮށި 1 ގެ މަސައްކަތް ނިމުމުން، މިހާރު އެތަނުގައި ދިރިއުޅޭ މީހުން އަލަށް ހަދާ އެޕާޓްމަންޓްތަކަށް ބަދަލުކުރެވޭނެއެވެ.

މި މަޝްރޫޢު ފުރިހަމަވުމުން، މިހާރު ދިރިއުޅޭ މީހުންގެ އިތުރުން އިތުރު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ވެސް ބޯހިޔާވަހިކަން ފަހިވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ 2040 އަންނައިރު، ތަރައްޤީވެފައިވާ ޤައުމުތަކެކޭ އެއްފަދައިން ވަސީލަތްތައް ފުރިހަމަވެފައިވާ ފެންވަރެއްގައި ސިފައިންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް