ކަނޑުމަގުން ގެންދިއުމަށްޓަކައި މުދާ ހުރި ގޮތަށް ކްލިއާކުރާ (އެފްސީއެލް) ކޮންޓެއިނަރުތަކުގެ މަސައްކަތް ތިލަފުށި ކާގޯ ކްލިއަރެންސް ޓާމިނަލުން ދޭން ފަށައިފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރައްވައިފިއެވެ.
އެމްޕީއެލުން ވަނީ ޚިދުމަތް ދޭނެ ގަޑިތަކާއި ފެރީ ތާވަލަށް ބަލައިގެން މުދާ ކްލިއާ ކުރުމުގެ ކަންކަން ކުރިއާލައި ރޭވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން، މުދާ ކްލިއާކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 16:30 އަށެވެ. އަދި ކަސްޓަމްސް އިންސްޕެކްޝަންގެ ޚިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށެވެ. ޚިދުމަތް ހޯދާ ފަރާތްތަކުގެ ދަތުރުފަތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ނޯތު ހާބަރު ޖެޓީން ތިލަފުއްޓަށް ފުރާނީ ހެނދުނު 8:00، މެންދުރު 13:00 އަދި ހަވީރު 16:15 ގައެވެ. އަދި ތިލަފުށީ ޕޯޓް ފެރީ ޖެޓީން މާލެއަށް ފުރާނީ ހެނދުނު 11:00، މެންދުރުފަހު 15:00 އަދި ހަވީރު 17:00 ގައެވެ.
އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީގު ވިދާޅުވީ މާލެ އަދި ހުޅުމާލެ ބަނދަރުގައި ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރު އެރުވުމަށް ޖާގައިގެ ދަތިކަން އުޅޭ ކަމަށެވެ. ނަމަވެސް ތިލަފުށީ ބަނދަރުން މި ޚިދުމަތް ފެށުމާއެކު، ދޯނިފަހަރަށް މުދާ ކްލިއާކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
އަދި އެންމެ ފުރަތަމަ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކޮންޓެއިނަރުތައް ކަނޑައިގެން އެލްސީއެލް ކާގޯ ވެސް ދޫކުރަން ފަށާނެ ކަމަށް ސީއީއޯ އިތުރަށް މައުލޫމާތު ދެއްވިއެވެ.





