ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ

ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ 1 އަހަރާއި 7 މަސްދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިމުނުކަން ޔަގީންނުކޮށް ފައިސާ ދޫކުރި މައްސަލައިގައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ދީނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން ކުރި ހުކުމެކެވެ. މިއަދު ބޭއްވި އަޑުއެހުމުގައި، ދީނާއަކީ އެކަނި ދަރިން ބަލަހައްޓާ މަންމައަކަށްވެފައި މާ ބޮޑު ސީދާ މަންފާއެއް ލިބިފައިނުވާތީ ދައުލަތުން އެދުނީ އަސާސީ އަދަބު ކަނޑައެޅުމަށެވެ. ދިފާއުން ޖޫރިމަނާއަކަށް ނުވަތަ ގޭބަންދަކަށް އަދަބު ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ޖަލުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ޑޮކްޓަރުގެ ލިޔުމެއް ނެތުމުން ޖަލު ހުކުމެއް ކުރުމަށެވެ.

މި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް މީގެ ކުރިން އިއްވާފައެވެ. އަދި ދީނާގެ މައްޗަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑަށް ކެމެރާ ސިސްޓަމް ހަވާލުކުރި މައްސަލައިގައިވެސް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް