ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ޗެނަލް ފުންކުރުމުގެ މަސައްކަތެވެ. އަދި މި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 94 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މީގެ އިތުރުން، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
އަދި މިއާއެކު ޖެޓީއެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫޢަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.





