އުއްތަމަ ފަނޑިޔާރުގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ އިނާޔަތް އިތުރުކޮށް، 95,000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވީ، ދައުލަތުގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށްވެސް ދިނުމަށެވެ. އެގޮތުން، މިހާރު 91,000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރަށް ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4,125 ރުފިޔާ އިތުރުކުރުމަށް ފާސްކުރުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރުގެ ޖުމްލަ މުސާރަ 95,125 ރުފިޔާއަށް އަރާނެއެވެ.

މަޖިލީހުގެ ރައީސްގެ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށް މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ރައީސަށް ކޮމިޓީ އެލަވަންސް ނުލިބޭތީ މުސާރައިގެ ފަރަގު އުޅޭތީ، ރައީސްގެ އެލަވަންސަށް 22,000 ރުފިޔާ އިތުރުކުރަން ނިންމި ނިންމުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެ، މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް، ޝަރުތު ހަމަނުވާ ކަމަށް ބުނެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް