ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް އަދި ފާސްނުވެއްޖެ ނަމަ އެ ގަރާރެއް ވަގުތުން ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރު ހުށަހެޅުއްވި މި އިޞްލާޙު މަޖިލީހުން ފާސްކުރީ ޕީއެންސީގެ 56 މެންބަރުންގެ ތާއީދާއެކުގައެވެ. މި ބަދަލާ ދެކޮޅަށް އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވިއެވެ.

ގަވާއިދުގެ 191 ވަނަ މާއްދާއަށް ގެނެވުނު މި ބަދަލުގެ ދަށުން، ގަރާރެއް ހުށަހެޅުމާއެކު އެންމެ ފުރަތަމަ ނަގާނީ ބަލައިގަތުމުގެ ވޯޓެކެވެ. މެޖޯރިޓީން ފާސްނުވެއްޖެނަމަ ބަހުސްކުރުމުގެ ފުރުސަތު ނުލިބި ގަރާރު ބާތިލުވާނެއެވެ. އަދި މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ގަރާރެއް ނުހުށަހެޅޭނެއެވެ. ވޯޓުގެ ކުރިން ބަހުސްކުރުމުގެ ފުރުސަތު އުނިކުރާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިޞްލާޙު ޕީއެންސީގެ 55 މެންބަރުންގެ ވޯޓުން ވަނީ ބޭރުކޮށްލާފައެވެ.

މި ބަދަލާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕީއެންސީގެ މެންބަރުން ވަނީ އިދިކޮޅުން ހުށަހަޅަނީ ބޭކާރު ގަރާރުތަކެއް ކަމަށް ބުނެފައެވެ. އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވަނީ ސަރުކާރަށް ޝުކުރު އަދާކުރުން ފަދަ ކަމަކަށް ނޫނީ އިދިކޮޅަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް