ދުންފަތުގެ ގާނޫނު ތަންފީޒުކުރޭތޯ މާލެ ސަރަހައްދުން 230 ތަނެއް ބަލައި 97 ތަނަކަށް އެޗްޕީއޭއިން ނަސޭހަތް ދީފި

މާލެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ހޮޓާތައް ފަދަ ތަންތަނުގައި ދުންފަތާ ގުޅުންހުރި ގާނޫނު ތަންފީޒުކުރޭތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިންގި އިންސްޕެކްޝަންތަކުގައި 230 ތަނެއް ބަލައި، 97 ތަނަކަށް އިސްލާހުކުރުމަށް ނަސޭހަތް ދީފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އިންސްޕެކްޓް ކުރި ތަންތަނުގެ ތެރޭގައި 130 ރެސްޓޯރެންޓާއި ކެފޭ އަދި ހޮޓަލުގެ އިތުރުން 96 ފިހާރައެއް ހިމެނެއެވެ. އަދި އާންމުންގެ ޝަކުވާތަކާ ގުޅިގެން 4 ތަނެއް ބަލާފައިވެއެވެ. މި އިންސްޕެކްޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފުވެގެން ނަސޭހަތް ދީފައިވަނީ 53 ކެފޭ/ރެސްޓޯރެންޓަށާއި 44 ފިހާރައަކަށެވެ. އެޗްޕީއޭއިން ދަނީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ އެއްގޮތަށް ވިޔަފާރިތަކުގައި ލައިސެންސް އޮތްތޯއާއި މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރޭތޯ ބަލައި ފިޔަވަޅުތައް އަޅަމުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން، މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ ނުވަތަ ލައިސެންސާ މެދު ގަވާއިދާ ޚިލާފުވެއްޖެނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކޮށް، ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޓެކްސްއަށް ބަދަލުތަކެއް ގެނެސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް