މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 461 މިލިއަން ރުފިޔާ ނުލިބި ހުރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި އެ މުއައްސަސާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
މި ރިޕޯޓުގައިވާ ގޮތުން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ކަސްޓަމްސްއަށް ޖުމްލަ 461,016,716 ރުފިޔާ ނުލިބި ހުރިއިރު، 2025 ވަނަ އަހަރުގެ މެއި މަހު މައުލޫމާތު އެއްކުރިއިރު އޭގެ ތެރެއިން ލިބިފައިވަނީ އެންމެ 10.1 މިލިއަން ރުފިޔާއެވެ. ނުލިބި ހުރި ފައިސާގެ އެންމެ ބޮޑު ބަޔަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ޖޫރިމަނާގެ ގޮތުގައި 21.1 މިލިއަން ރުފިޔާ، ރެވެނިއު ފީއާއި ރޯޔަލްޓީގެ ގޮތުގައި ކޮންމެ ދާއިރާއަކުން 1.9 މިލިއަން ރުފިޔާ، އަދި ބޮންޑް ފީއާއި ޕްރޮސެސިން ފީގެ ގޮތުގައި 92,203 ރުފިޔާ ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ ކޯޓުން ދެއްކުމަށް ހުކުމްކޮށްފައިވާ ފައިސާއެވެ. އަދި ނުލިބި ހުރި ފައިސާގެ ތެރެއިން 135 މިލިއަން ރުފިޔާއަކީ ނުލިބި 3 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ފައިސާއެވެ.
އެހެންކަމުން، ކަސްޓަމްސްގެ އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅައި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށާއި، ފައިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ އަރުވާފައެވެ.





