ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވި ބިލު 43 މެންބަރުންގެ އިއްތިފާގު ވޯޓުން ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލު ދިރާސާކުރުމަށް މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، "ރަސްމާލެ" މަޝްރޫޢާ ގުޅިގެން އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 45 މެންބަރުން ވޯޓު ދެއްވުމުން އެ ގަރާރު ވަނީ ބޭރުކޮށްލާފައެވެ. އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

މީގެއިތުރުން، މަސްވެރިންގެ މުޒާހަރާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު 46 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް