ވިލުފުށި

ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކުރި 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ރިވިއުކޮށް، ޕޮއިންޓް ދިނުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނީ، ހައުސިން ޔުނިޓުތައް ދޫކުރުމުގެ އުސޫލާ އެއްގޮތަށް ފޯމުތައް ވެރިފައިކޮށް ނިމިފައިވާ ކަމަށާއި، ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓު ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށް މިހާރު ބަލައިލެވޭނެ ކަމަށެވެ. އަދި ލިބިފައިވާ ޕޮއިންޓާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މުއްދަތަށް، ރަސްމީ 10 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނެއެވެ. ޕޯޓަލް ނޫން އެހެން މަގަކުން ނުވަތަ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށާއި، ދާއިމީ ލިސްޓު ނެރޭނީ ޝަކުވާތަކަށް ބެލުމަށްފަހު ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

ވިލުފުށީގައި 100 ރޯހައުސް އެޅުމުގެ މަސައްކަތް 2014 ގައި ފެށި ނަމަވެސް، ކޯޓު މަރުހަލާތަކާ ހުރެ 5 އަހަރުގެ ހުއްޓުމަކަށްފަހު އަލުން ފެށީ 2019 ގައެވެ. މިހާރު މަސައްކަތް އެއްކޮށް ނިމިފައިވާ މި ހައުސިން ޔުނިޓުތަކަށް އެދުމުގެ ފުރުސަތު މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލުމުން 200 އަށްވުރެ ގިނަ ފަރާތުން ވަނީ ފޯމު ހުށަހަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް