ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން އިއްވުން އޮންނާނީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ. މި އިސްލާހުގެ ދަށުން ގާނޫނުލްއުގޫބާތަށް "ދައުލަތަށް ހިޔާނާތްތެރިވުން" މިއާމާދާގެ ދަށުން ޚާއްޞަ ބާބެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެ ބާބުގައިވާ ގޮތުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، ހަނގުރާމަކުރާ ފަރާތަކާ ބައިވެރިވުމުގެ އިތުރުން، ރާއްޖޭގެ ދުޝްމަނަކާ ގުޅިގެން ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށެކެވެ. މިއީ ޖިނާޔަތުގެ އެކެއްގެ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 25 އަހަރަށް ޖަލަށްލުން ކަނޑައެޅިދާނެއެވެ. މީގެއިތުރުން، މިފަދަ ކުށެއް ދިވެހި ރައްޔިތެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް އެމީހަކު އައްޔަންކުރުން ދާއިމީކޮށް މަނާވާނެއެވެ.
މި ބިލުގައި "ދުޝްމަން" ކަމަށް މާނަކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގާ ބިދޭސީންނާއި، އެފަދަ އަމަލުތަކުގައި ބައިވެރިވާ ދިވެހިންނަށެވެ. އަދި "ދުޝްމަނަކަށް އެހީތެރިވުން" ކަމަށް ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންދިނުމުގެ އެއްވެސް އަމަލެއްގައި އެއްވެސް ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.





