ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމުކުރާ ކަމެއް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭޖީ އުޝާމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1984 ވަނަ އަހަރު ރާއްޖެއިން ބައިވެރިވެފައިވާ "ޖެނޮސައިޑް ކޮންވެންޝަން" ގެ 5 ވަނަ މާއްދާގެ ދަށުން ޤަތުލުއާންމާ ގުޅޭ ކުށްތައް ޤާނޫނުގައި ހިމަނައި އަދަބު ކަނޑައެޅުން ލާޒިމުކޮށްފައިވީ ނަމަވެސް، 42 އަހަރު ވެގެން ދިޔައިރުވެސް އެ ޒިންމާ އަދާކުރެވިފައި ނުވާ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މިޔަންމާ އަދި އިސްރާއީލާ ދެކޮޅު މައްސަލަތަކުގައި ރާއްޖެއިން ތަދައްޚުލުވެ، އެހެން ޤައުމުތަކުން އެ މުޢާހަދާއަށް ކަމޭހިތުމަށް ގޮވާލާއިރު ރާއްޖެއިން އެ ކަން ފުރިހަމަކޮށްފައި ނެތުމަކީ ރާއްޖޭގެ ޤާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހެޅުއްވި މި ބިލުގައި ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ޤަތުލުއާންމު ހިންގުމާއި އެކަމަށް ފާޅުގައި ގޮވާލުން މަނާކުރުމަށް ހިމަނާފައިވެއެވެ. މި ކުށަކީ ޖިނާއަތުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އަސާސީ އަދަބެއްގެ ގޮތުން 10 އަހަރުގެ ޖަލު ހުކުމެއް އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.





