ކުރީގެ ރައީސް ބަރަކް އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިރާނާއެކު ކުރިއަށްދާ އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ މަސްރަހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މީގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި "ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ" ކަމަށް އެގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

އޮބާމާ ފާހަގަކުރެއްވި ގޮތުގައި، މެދުއީރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި ވިޔަފާރި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގްތިސާދަށާއި އެމެރިކާގެ އާންމު އާއިލާތަކަށް ދަނީ ކުރަމުންނެވެ. އެގޮތުން، ކަރަންޓާއި ތެލުގެ އަގުގެ އިތުރުން ކާބޯތަކެއްޗާއި ދެންވެސް ބޭނުންކުރާ ދިރިއުޅުމުގެ އަސާސީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ގޮސްފައިވަނީ ޚާރިޖީ ސިޔާސަތުތައް ރަނގަޅަށް މެނޭޖު ނުކުރެވުމުގެ ސަބަބުން ކަމަށް އޮބާމާ ތުހުމަތުކުރެއްވިއެވެ.

މި މައްސަލައިގައި ވައިޓް ހައުސްއިން ވަނީ އޮބާމާގެ ފާޑުކިޔުންތަކަށް ރައްދުދީ، ސަރުކާރުގެ ފިޔަވަޅުތަކަކީ ގައުމީ ސަލާމަތާއި ބައިނަލްއަގުވާމީ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަމުންދާ ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް، އިގްތިސާދީ މާހިރުންވެސް ދަނީ ހަނގުރާމައިގެ މަސްރަހު ދިގުދެމިގެންދާނަމަ ދުނިޔޭގެ އިންފްލޭޝަން އިތުރަށް މަތިވެގެންދާނެ ކަމުގެ އިންޒާރުދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް