އއ. މަތިވެރި ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކަރަންޓުގެ މަސައްކަތްތަކާއި ސީލިން ކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށް، އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ.
މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ބެލްކަނީއާއި ސިޑީގެ އަތްގަނޑު ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެތެރޭގެ ފެނުގެ ވައިރިންގ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ސީލިން ކުރުމާއި ކަރަންޓުގެ މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

އޭގެއިތުރުން، އިމާރާތުގެ ބޭރުގައި ސިމެންތި ޖަހައި އޮމާންކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ތައުލީމީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކުގެ ތެރެއިން މަތިވެރީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސްކޫލް އިމާރާތްތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް އެމްޓީސީސީން އަންނަނީ ހިންގަމުންނެވެ.





