އދ. އަކީ އިތުބާރު ކުރެވޭ އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރާ މުއައްސަސާއަކަށް ވާންޖެހޭ: ރައީސް މުއިއްޒު

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އަކީ އިތުބާރު ކުރެވޭ، ޒިންމާދާރު އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާއަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، އދ.ގެ އިތުބާރު ބިނާވެފައިވަނީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށެވެ. އަދި އެކަން ހާސިލުކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، ގައުމުތަކުގެ މެދުގައި ވެވިފައިވާ މުއާހަދާތައް ހަމަހަމަކަމާއެކު ތަންފީޒު ކުރެވިގެން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމުގެ ސަބަބުން އެ އިތުބާރު ގެއްލެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ހާއްސަކޮށް ފަލަސްތީނު ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި ނެގޭ ދަރަނިތަކުގެ ސަބަބުން ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާއެކު، 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށްވުމަށް ކުރާ އުންމީދު ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެފައި އޮތުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި، އިގްތިސާދު ވަރުގަދަކޮށް ބޭރުން ކުރިމަތިވާ ގޮންޖެހުންތަކަށް ވިލުންތެރިކަމާއެކު ކުރިމަތިލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.

އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހުތިރާމްކުރާ، އަދި އެއްވެސް ގައުމެއްގެ މުސްތަގުބަލު އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަށް މަގުފަހިކޮށްދޭ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ދުނިޔޭގެ ސުލްހައާއި އަދުލުއިންސާފު ގާއިމުކުރުމުގައި ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައާއެކު ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސްގެ މެސެޖު ނިންމަވާލެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް