ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް، ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން އިންޓަނޭޝަނަލް 10 އެއާލައިނެއްގެ ޗެކިން ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ လިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލް އިން ބުނީ މީގެ ސަބަބުން، ޓޫރިސްޓުން އަންނަ ދުވަސްވަރު އެއާޕޯޓުގެ ބާރުބޮޑުވުން ކުޑަވެ، އިތުރު ޗެކިން ކައުންޓަރުތަކާއެކު ފަސިންޖަރުންނަށް ލުއިފަސޭހަ މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ.
ޓާމިނަލް 2 އަށް ބަދަލުކުރާ 10 އެއާލައިން:
-
ނިއޯސް (އިޓަލީ)
-
އޭރޯފްލޮޓް (ރަޝިއާ)
-
އަޒުރް އެއާ (ރަޝިޔާ)
-
އެސް ސެވަން އެއާލައިންސް (ސައިބީރިއާ)
-
ޔޫއެސް-ބަންގަލާ އެއާލައިންސް (ބަންގުލަދޭޝް)
-
ސެންޓްރަމް އެއާ (އުޒްބެކިސްޓާން)
-
ޝިރަކް އަވިއާ (އަރްމޭނިއާ)
-
ކުވައިތު އެއާވޭސް
-
ގުލިވް އެއާ (ބަލްގޭރިއާ)
-
ފްރެންޗް ބީ
އެމްއޭސީއެލް އިން ވަނީ މި އެއާލައިންތަކުން ފުރާ ފަސިންޖަރުން، ޗެކިން ވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި، ފުރުމުގެ ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ ފެބުރުއަރީ މަހު އަލުން ހިދުމަތް ދޭން ފެށި ޓާމިނަލް 2 އަކީ މިހާރު ޑޮމެސްޓިކް ދަތުރުތަކަށްވެސް ބޭނުންކުރާ ޓާމިނަލެކެވެ. އެ ޓާމިނަލުގައި 27 ޗެކިން ކައުންޓަރާއި، އާ ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމަށް ހާއްސަ ތަންތަނާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.





