އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ މާލީ ހާލަތަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީއަށް 61 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި އަދި ލިބުނު ގެއްލުން 10 މިލިއަން ރުފިޔާއިން ކުޑަކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ބައިނަލްއަގުވާމީ މައި އެއާޕޯޓުގެ މާލީ ހިންގުމަށް އައި މި ބަދަލާއެކު، ކުންފުނީގެ ވިޔަފާރީގެ ހަރަކާތްތައް ފުޅާވެފައިވާ މިންވަރު ތަފާސްހިސާބުތަކުން ސާފުކޮށް ފެންނަން އެބަހުއްޓެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު އައްޑޫ އެއާޕޯޓަށް ލިބިފައިވަނީ 33 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 94.4 މިލިއަން ރުފިޔާއަށް އުފުލިފ މިއީ ޖުލްމަ ގޮތުން ބަލާއިރު ގާތްގަނޑަކަށް 61 މިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
މި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖެޓް ފިއުލް ވިއްކައިގެން ލިބުނު ފައިސާއެވެ. އެގޮތުން، 2024 ވަނަ އަހަރު ޖެޓް ފިއުލް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 13.6 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 72.9 މިލިއަން ރުފިޔާއަށް ކުއްލިއަކަށް މައްޗަށް ގޮސްފައެވެ. މީގެއިތުރުން، އެހެނިހެން އާމްދަނީގެ ބައިތަކަށް ބަލާއިރު، ގްރައުންޑް ހޭންޑްން ޗާޖުގެ ގޮތުގައި 9.64 މިލިއަން ރުފިޔާ އަދި ލޭންޑިން ފީގެ ގޮތުގައި 3.86 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ.
އާމްދަނީ އެއްވަރަކަށް އިތުރުވި ނަމަވެސް، މިދިޔަ އަހަރަކީ އައްޑޫ އެއާޕޯޓަށް ޚަރަދުތައްވެސް ވަރަށް ބޮޑަށް އިތުރުވެގެންދިޔަ އަހަރެކެވެ. އެގޮތުން ކުންފުނީގެ ޖުމްލަ ހިންގުމުގެ ޚަރަދު ވަނީ ކުރީ އަހަރުގެ 55 މިލިއަން ރުފިޔާއިން، މިދިޔަ އަހަރު 112 މިލިއަން ރުފިޔާއަށް އަރާފައެވެ. މި ހަރަދުތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖެޓް ފިއުލް ގަތުމަށް ކުރި ހޭދައެވެ. އެގޮތުން ތެލުގެ ޚަރަދު އެކަނިވެސް 66.6 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ނަމަވެސް، އުފާވެރި ކަމަކަށް ފާހަގަކުރެވިފައިވަނީ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ޚަރަދުތައް ކުޑަކުރެވިފައިވުމެވެ. އެގޮތުން 2024 ވަނަ އަހަރު މުވައްޒަފުންނަށް 47.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 46.2 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މި ޚަރަދުގެ ތެރޭގައި މުސާރައާއި އުޖޫރައިގެ ގޮތުގައި 22.2 މިލިއަން ރުފިޔާ އަދި އިނާޔަތްތަކުގެ ގޮތުގައި 22 މިލިއަން ރުފިޔާ ހިމެނެއެވެ.
އާމްދަނީ އިތުރުވުމުގެ ސަބަބުން، ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ އަދަދުވެސް ވަނީ ދަށްކުރެވިފައެވެ. ރިޕޯޓުދައްކާގޮތުން، 2024 ވަނަ އަހަރު އައްޑޫ އެއާޕޯޓަށް 78.7 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 68.7 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަކީ ދެކުނުގެ ފަތުރުވެރިކަމާއި އިގްތިސާދާ ސީދާ ގުޅިފައިވާ މުހިންމު ކުންފުންޏަކަށްވާތީ، މިފަދަ މާލީ ކުރިއެރުންތަކަކީ އެ ސަރަހައްދުގެ ތަރައްގީއަށް ލިބޭ މުހިންމު ކުރިއެރުމެއް ކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ.





