ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ބޭނުން ކުރަނީ-- ފޮޓޯ: އައިޖީއެމްއެޗް

ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީ ޓެކްނިޝަނުން ހިމެނޭހެން، ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންގެ ރޭގަނޑު ޝިފްޓު ޑިއުޓީ އެލަވަންސް ފިނޭންސް މިނިސްޓްރީން ދަށްކޮށްފިއެވެ.

ނޭޝަނަލް ޕޭ ފްރޭމްވޯކަށް ގެނެވުނު މި ބަދަލާއެކު، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

އެލަވަންސަށް އައި ބަދަލުތަކުގެ ތަފްސީލު

ޝިފްޓުގެ ވަގުތު ކުރީގެ އެލަވަންސް (2023 މެއި އިން ފެށިގެން) އާ އެލަވަންސް (2026 އޮގަސްޓް އިން ފެށިގެން) ބަދަލު
ރޭގަނޑު 12:00 އިން ހެނދުނު 06:00 އަށް 100 ރުފިޔާ 60 ރުފިޔާ 40 ރުފިޔާ ދަށްވި
ހެނދުނު 06:00 އިން ރޭގަނޑު 12:00 އަށް 40 ރުފިޔާ 40 ރުފިޔާ ބަދަލެއް ނާދޭ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 2023 ވަނަ އަހަރުގެ މެއި މަހު ބޮޑުކުރިއިރު، ރޭގަނޑު 12:00 އިން ހެނދުނު 06:00 އާ ދެމެދު ކުރާ މަސައްކަތަށް ދެމުން އައި 100 ރުފިޔާގެ އެލަވަންސް، މިދިޔަ އޮގަސްޓު މަހު ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހާއެކު ވަނީ 60 ރުފިޔާއަށް ދަށްކޮށްފައެވެ. މި ބަދަލާއެކު، މިދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ދީފައިވަނީ ކުޑަކުރެވުނު އާ އެލަވަންސް އުސޫލުންނެވެ.

މި ބަދަލާ ގުޅިގެން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ފާހަގަކުރާ މައިގަނޑު ކަންކަމުގެ ތެރޭގައި:

  •  ރޭގަނޑު ޝިފްޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދު ނަމަވެސް، އެ ގަޑިތަކުގައި ހޮސްޕިޓަލްތަކަށް ހާޒިރުވާ ބަލިމީހުންގެ އަދަދު މަދުނޫންކަމާއި، ކުރަންޖެހޭ މަސައްކަތުގެ މިންވަރަށް ބަލާއިރު 100 ރުފިޔާއަކީވެސް އެކަށީގެންވާ ވަރަށްވުރެ ކުޑަ އެއްޗެއްކަން.

  •  ބައެއް ހޮސްޕިޓަލްތަކުގައި ޑޮކްޓަރުންނާއި ނަރުހުން މަދުވުމުގެ ސަބަބުން، ހަފްތާއަކު 6 ދުވަހު ޑިއުޓީ ކުރުމަށްފަހު، ލިބޭ އޮފް ދުވަހުވެސް ނުކުންނަންޖެހޭ މައްސަލަ.

  • ބަޖެޓު ނެތްކަމަށް ބުނެ ސިވިލް ސާވިސް މުވައްޒަފުންގެ އޯވަރޓައިމް އެލަވަންސް ކުޑަކުރަމުންދާއިރު، ސިއްހީ ދާއިރާއަށް އިތުރު މުވައްޒަފުންނާއި ޑޮކްޓަރުން ނަގާނެކަމަށް ވީ ވައުދުތައް ފުއްދިފައި ނުވާކަން.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް