ރާއްޖެއަށް ރޭ ކުރި ބޯ ވިއްސާރައިގައި މާލެ ސަރަހައްދުގައި ފެންބޮޑުވެގެން ދިމާވި ކުއްލި ހާލަތާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިމަރޖެންސީ ސަވިސަސްއިން އިސްނަގައިގެން މާލޭގެ ތަފާތު ސަރަހައްދުތަކުން ފެން ހިންދުމުގެ އޮޕަރޭޝަނެއް ހިންގައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި 2026 އޮކްޓޫބަރު 21 އިން 22 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ސަރަހައްދަކުން ޖުމްލަ 367.82 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފައެވެ. އެގޮތުން:
-
ސޯމިލް ސަރަހައްދުން: 89.72 ޓަނުގެ ފެން
-
ބޮޑުތަކުރުފާނު މަގު، މަސްވެރިންގެ ޕާކު ސަރަހައްދުން: 174.99 ޓަނުގެ ފެން
-
ބޮޑުތަކުރުފާނު މަގު، ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން: 53.03 ޓަނުގެ ފެން
-
ހުޅުމާލެ އޮލްޑް ކޭލާ ގެމަތަ ސަރަހައްދުން: 50.08 ޓަނުގެ ފެން
ފެން ހިންދުމުގެ އޮޕަރޭޝަންގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން ގޭބީސީތަކަށާއި ވިޔަފާރިތަކަށް ފެންވަދެ ލިބެމުންދިޔަ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތަށް ބޭނުންވާ ވެލި ފޯރުކޮށްދިނުމުގައިވެސް އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް 2 އިން ޑަމްޕު ޓްރަކް ބޭނުންކޮށްގެން މާލެއަށް ވެލި އުފުލައި، ވެލިބަސްތާ ތައްޔާރުކުރުމުގެ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.
MTCC Emergency Services carried out dewatering operations across Greater Malé on 21–22 October 2026, pumping out a total of 367.82 tonnes of water from Sawmill (89.72 tonnes), Masveringe Park, Boduthakurufaanu Magu (174.99 tonnes), Henveiru Ferry Terminal, Boduthakurufaanu Magu… pic.twitter.com/IP387b7qoe
— MTCC Plc (@MTCCPlc) October 22, 2026
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގައުމީ މޫސުމާ ބެހޭ އިދާރާއިން މާލެ ސަރަހައްދަށް ޔެލޯ އަދި އޮރެންޖު އެލާޓް ސިލްސިލާކޮށް ނެރެމުންދާ ދުވަސްވަރެކެވެ. މާލޭގެ ގޭބީސީތަކަށާއި ފިހާރަތަކަށް ފެންވަދެގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ގިނަ ރިޕޯޓްތަކެއް ލިބެމުންދާއިރު، އެމްއެންޑީއެފް، ފުލުހުން، މާލެ ސިޓީ ކައުންސިލް، އަދި ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން އެމްޓީސީސީން އަންނަނީ ކުއްލި ހާލަތްތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއް ނެތް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެމްޓީސީސީން ބުނީ އާންމު ރައްޔިތުންގެ ލާބަޔާއި ސަލާމަތަށްޓަކައި ކުރެވޭ މިފަދަ ކުއްލި އިޖާބީ މަސައްކަތްތަކުގައި އެ ކުންފުނި އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.





