ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ގއ. ގެމަނަފުއްޓަށް: މެޓް އޮފީސް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ގއ. ގެމަނަފުއްޓަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) ގެ ރިކޯޑްތަކުން ދައްކައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ގއ. ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެއަށެވެ. އެއީ 90.3 މިލިމީޓަރުގެ ވާރެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށެވެ. މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މެޓް އޮފީހުން ބުނީ މިއީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއެކު، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ދިމާވެގެން އުޅޭ ވިއްސާރައެއް ކަމަށެވެ. މި ކޮޅިގަނޑުތަކުގެ އަސަރުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަ ވިލާތައް ދަނީ އަތޮޅުތެރެއަށް ފެތުރެމުންނެވެ.

މި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް އެންމެހައި ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް