ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީ ގޮތުން އެ އަވަށުގައި ހުންނަ "އަމާން ހިޔާ" އިމާރާތަށް ބަދަލުކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަމުގައި ތަރައްގީކުރާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލެކެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ލެޓާ އޮފް އެކްސްޗޭންޖުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރު ނިންމުމަށް އަމާޒުހިފާފައިވާ މި އާ ހޮސްޕިޓަލް ތަރައްގީކުރެވޭނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. އަދި އެތަން ވެގެންދާނީ ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެހައި ސިއްހީ ހިދުމަތްތައް އެންމެ އެކަށީގެންވާ އަދި ފުރިހަމަ ގޮތެއްގައި ލިބިގެންދާނެ ޒަމާނީ ވަސީލަތްތަކުން މުއްސަނދިވެގެންވާ ހޮސްޕިޓަލަކަށެވެ.
ވިލިމާލޭގައި ސިއްހީ ހިދުމަތް ދޭން ކުރިތާ 29 އަހަރު ފުރިފައިވާއިރު، އެންމެ ފުރަތަމަ އެ އަވަށުގައި ހިދުމަތް ދޭން ފެށީ ތިން ކޮޓަރީގެ ކުޑަ ސިއްހީ މަރުކަޒެއްގެ ގޮތުގައި ރަސްމީ ގަޑިތަކުގައި އެކަންޏެވެ. އޭގެފަހުން 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހު 24 ގަޑިއިރު ހިދުމަތް ދޭން ފެށިއިރު، މިހާރު ހިދުމަތް ދެމުންދިޔަ އިމާރާތަށް ހޮސްޕިޓަލް ބަދަލުކޮށްފައިވަނީ 15 އޭޕްރީލް 2002 ގައެވެ.





