މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) އެއްވެސް ވޭދަނައެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އޭގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން އެކަކު ވަނީ މި ބައްޔަށް ފައްސިވެގެން ރިޕޯޓުކޮށްފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 287 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ދެވޭ އެމްއާރު ވެކްސިން މިދިޔަ ހަފުތާގައި އިތުރު 186 މީހަކު ޖަހާފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 16,689 މީހުން ވަނީ އެމްއާރު ވެކްސިން ފުރިހަމަކޮށްފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނިކޮށް، މިއަހަރުގެ މެއި މަހު ބަލި އަލުން ފެތުރެން ފެށި ނަމަވެސް، މިހާރު ފެންނަ ވޭދަނަތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށާއި، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.





