މާލެއިން ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތައް ދޮގުކޮށް، އެ ކުންފުނީގެ މައި ސްޓޮކުންނާއި އެކި ބޭސްފިހާރަތަކުން އެ ބޭސް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސްޓޭޓް ފާމާއިން މިއަދު ދީފިއެވެ.
ސްޓޭޓް ފާމާއިން ބުނީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ. އަދި ބޭހާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ އެކަން ސާފުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމަށްޓަކައި އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭސް އެތެރެކުރުމަށް މިހާތަނަށް 3 ކުންފުންޏަކާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ. އަދި ބޭސް ރައްކާކުރާނެ ސްޓޯރޭޖްތަކާއި ހޮސްޕިޓަލްތަކުގައި ފާމަސީތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އަންނަ އަހަރުގެ މެދުތެރޭގައި އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ.





