ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގު ބައްތި މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެކަމާ ބެހޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ، މީގެކުރިންވެސް ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ރާއްޖޭގެ ތިން ރަށެއްގައި ހަރުކުރެވިފައިވާ ކަމަށެވެ. އަދި މިފަހަރު ހަދިޔާކުރި ބައްތިތަކާއެކު އިތުރު ރަށްރަށުގައި މަގުބައްތިތައް ހަރުކުރެވި، ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަށް އެދޭކަމަށް ސަފީރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ ރާއްޖޭގައި ސާފު ހަކަތަ ބޭނުންކުރުމަށާއި ރަށްތަކުގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިއީ 2028 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު އެހީތެރިއެކެވެ.





