ދައުލަތުގެ ބެލުމުގެ ދަށުން 14 ކުއްޖަކަށް ފޯސްޓަރިން މެދުވެރިކޮށް އާއިލާ ހޯދައިދީފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިދިޔަ އަހަރު ފޯސްޓަރިން ނިޒާމުގެ ތެރެއިން 14 ކުއްޖަކަށް އާއިލާ ހޯދައިދެވިފައިވާ ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށަށް އަލަށް 18 ކުއްޖަކު ނަގާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހިއްސާކުރައްވަމުން ޖެންޑާ މިނިސްޓްރީން ބުނީ، ދައުލަތުން ހިންގާ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގެ ބަދަލުގައި ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ހިންގަމުންދާ ކަމަށެވެ.

ރިޕޯޓުގެ މުހިންމު ތަފާސްހިސާބުތައް:

  • އާއިލީ ރައްކާތެރިކަން: ފޯސްޓަރިން ނިޒާމުގެ ދަށުން 14 ކުއްޖަކަށް އާއިލާ ހޯދައިދެވިފައިވާއިރު، އާއިލާތަކަށް ރުޖޫއަކުރުމުގެ މަސައްކަތުގެ ތެރެއިން 22 ކުއްޖަކު ވަނީ އަނބުރާ އެކުދިންގެ އާއިލާތަކާ ހަވާލުކޮށްފައެވެ.

  • ދައުލަތުގެ ބެލުމުގެ ދަށަށް ނެގުން: އަލަށް 18 ކުއްޖަކު ފިޔަވަތިތަކަށް ނަގާފައިވާއިރު، ޖުމްލަ 37 ކުއްޖަކަށް ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ހޯދައިދީ، 33 ކުއްޖަކު ވަނީ ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކޮށްފައެވެ.

  • ހުށަހެޅުނު މައްސަލަތައް: 18 އަހަރުން ދަށުގެ ކުޑަކުދިންނާ ގުޅޭ 1,800 އަށްވުރެ ގިނަ މައްސަލަ (އަންހެން ކުދިންގެ 961 މައްސަލަ އަދި ފިރިހެން ކުދިންގެ 904 މައްސަލަ) ހުށަހެޅިފައިވެއެވެ.

  • ގެވެށިއަނިޔާ އާއި އެހެނިހެން އަނިޔާ: ގެވެށިއަނިޔާ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ، ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރާ އަނިޔާގެ ޖުމްލަ 711 މައްސަލައެއް (އަންހެނުންގެ 548 މައްސަލަ އަދި ފިރިހެނުންގެ 163 މައްސަލަ) ހުށަހެޅިފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ދިމާވާ ހާލަތްތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންނާއި ދުވަސްވީ މީހުން ނަގަންޖެހުނު ނަމަވެސް، މައިގަނޑު އަސާސީ އަމާޒަކީ ވީހާވެސް އަވަހަށް އެފަރާތްތަކަށް އާއިލީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް