މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި، ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން %17 ގެ ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހު ހުށަހަޅައިފިއެވެ.
ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
މި އިސްލާހު އުވާލަން ސަރުކާރުން ނިންމެވީ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއި، ބޭރުގެ ޓްރެވަލް އެޖެންސީތަކުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް ޔޫރަޕުގެ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމްއިއްޔާތަކާއި ރަޝިއަން ޔޫނިއަން އޮފް ޓްރެވަލް އިންޑަސްޓްރީ (އާރުއެސްޓީ) އިން ވަނީ މި ޓެކްސް ތަންފީޒުކުރާނަމަ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީ، އިސްލާހު ބާތިލުކުރުމަށް ގޮވާލާފައެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، އިންޑަސްޓްރީގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީގެ ގާނޫނަށް އަވަސް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.





