ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރުކޮށްފިއެވެ. ޒިހާން ހައްޔަރުކުރިކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޒިހާން ހައްޔަރުކުރީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ އަމަލެއް ހިންގައިފިނަމަ "މަޖާވާނެ" ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ނަމަވެސް އެ ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ތެރޭގައި އޭނާ ވަނީ އެ ފޭސްބުކުން ފޮހެލާފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒިހާންއަކީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓެކެވެ. ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު ސިފައިންގެ ޚިދުމަތުން އޭނާ ވަކިކުރުމަށްފަހު، މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުންވެސް އޭނާ ވަކިކޮށްފައެވެ.





