އއ. ފެރިދޫ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސިއްހީ މަރުކަޒު އިމާރާތުގެ ރޫފިންގް ބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ރޫފް ބީމް ކިއުރިންގްގެ މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
ފެރިދޫގެ ސިއްހީ ހިދުމަތް ފުޅާކޮށް، ފެންވަރު މަތިކުރުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއަކީ 7.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
މި މަޝްރޫއު ނިމުމުން ފެރިދޫގެ ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.





