ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ "އަހާ" ސިލްސިލާ ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ގަޑިއިރުގެ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
-
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
-
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު
-
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
މި ފޯރަމްގައި ބައިވެރިވުމަށް ސަލްޓަން ޕާކަށް ގޮސްގެން ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ. މީގެއިތުރުން ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށި މި ސިލްސިލާގެ 9 ފޯރަމެއް މިހާތަނަށް ބޭއްވިފައިވާއިރު، މިއީ ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމައާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވަޒީރުންގެ ކިބައިން ޖަވާބު ހޯދުމަށް ފަހިކޮށްދީފައިވާ މުހިންމު ފުރުސަތެކެވެ.





