ސަރުކާރުގެ ޓެކްސީ ލައިންގެ ކާރެއް ހުޅުމާލޭގައި ކޮންޓްރޯލް ނުވެ، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބަގީޗާ ހިނގުމުގައެވެ. ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހު 04:33 އެހައިކަންހާއިރުއެވެ. އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓާފައެވެ. އަދި ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.





