ފްލައިދުބާއީ ބޯޓުގެ ހާދިސާއާ ގުޅިގެން ހިފެހެއްޓި ދިވެހި ދެ ޕައިލެޓުންނާ ފުލުހުން ސުވާލުކޮށްފި

ދުބާއީން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުންނާ ފުލުހުން ސުވާލުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެ އައިސްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި، ރޭގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އަދި އެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

މިޑްލް އީސްޓް މޮނިޓާއިން އިސްރާއީލުގެ "ކީޕާ" ނޫހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން ޚަބަރެއް ނުވެގެން އާއިލާތަކުން އުޅެނިކޮށް، އެމީހުން ބަންދުގައި ތިބިކަން އެނގުނީ ދިވެހި އެމްބަސީން އެންގުމުންނެވެ.

170 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީ ބޯޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދީފައިވަނީ ކޯރާޑިއަކުންނެވެ. ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވި ގޮތުގައި:

  • ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17,000 ފޫޓު (5,200 މީޓަރު) ތިރިއަށް ވެއްޓިފައެވެ.

  • ފަސިންޖަރުން ވަނީ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް ހޯދާފައެވެ.

  • އެއަށްފަހު ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

މި ހާދިސާގައި އަނިޔާވި ކެޕްޓަން ސްމިތު މަޗްހަރަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާއަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު، މިހާރު ވަނީ އަބޫދާބީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް