އަނިޔާވި ފުލުސް މީހާގެ އަރިހަށް އިހުސާން ޒިޔާރާތް ކުރެއްވުން

ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ އޮފިސަރުގެ ހާލު ބައްލަވާލައްވައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިނިސްޓަރު އިޙްސާން ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި (ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.) ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރެއްވިއެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަމުންދާ ގުރުބާނީ ފާހަގަކުރައްވައި، އެ އޮފިސަރަށާއި އާއިލާއަށް ސަރުކާރާއި ފުލުހުންގެ ފަރާތުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރޭ ފަތިހު 4:30 ހާއިރު ހިނގި މި ހާދިސާގައި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފުލުހުންގެ ގައިގައި ޖެހުމުގެ ސަބަބުން އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިއީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުމުގެ ގޮތުން ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ސައިކަލު ހުއްޓުވައި، އޭގައި ތިބި މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް